ކ. އަތޮޅު ތުލުސްދޫގައި ދިވެހި ޕާސްޕޯޓް ހެއްދުމާއި ޕާސްޕޯޓާ ގުޅުންހުރި އެހެނިހެން ހިދުމަތްތައް ދޭން ފަށައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި ހިދުމަތް ތުލުސްދޫގައި ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޕާސްޕޯޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންނެވެ. އިމިގްރޭޝަންގެ އަމާޒަކީ މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް އެ އޮފީހުން ބުންޏެވެ. މިހާތަނަށް 15 އަށްވުރެ ގިނަ އަތޮޅުގައި ވަނީ މި ހިދުމަތް ގާއިމްކޮށްފަ އެވެ.
އަތޮޅުތެރޭގެ ރަށްރަށުން ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލިބެން ފެށުމަކީ މާލެއަށް ދަތުރުކޮށްގެން ބޮޑު ހަރަދުގައި ޕާސްޕޯޓް ހެދުމަށް ރައްޔިތުން ކުރަމުން އައި ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މިއީ އަތޮޅުތެރޭގެ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އުންމީދެއް ހަގީގަތަކަށް ވުމެވެ.