ފައްޔާޒު އިސްތިއުފާ ދެއްވުމާ އެކު، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ފައްޔާޒު ވަނީ ނުހަނު ގިނަ ގުނަ ހިދުމަތްތައް ކޮށްދެއްވާފައި ކަމަށެވެ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުގައި ވެސް އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތައުރީފުކުރައްވައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު މިރޭ ވަނީ އޭނާ އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ދިގު ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވި ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވީ، ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކަ އެވެ.
ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ 23 މެއި 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހު އެވެ.