މަޖިލީހުގައި ޕީއެންސީ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަންނަން މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ވަނީ ލާޒިމުކޮށްފަ އެވެ.
އެ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާޢި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމުވި ނަމަވެސް މި ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީހެއް ކަނޑައަޅާފައިނުވެ އެވެ.
މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައިވާ އަހަރަކީ ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހެވެ. އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން ރައްޔިތުންގެ މަޖިލީހާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ މެމްބަރުން މެންބަރު ކަމަށް އިންތިހާބުވާއިރު، މާލީ ހާލަތު ހުރިގޮތް ހާމަކުރަން 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވެސް ކުޑޫ ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އާއްމު ކޮމިޓީން މިއަދު ނިންމީ އެ އިސްލާހާ މެދު ފަހުން ވިސްނަން ބޭއްވުމަށެވެ.
ކުޑޫ ހުށަހެޅުއްވި ތިން ވަނަ އިސްލާހަކީ މިނިވަން މުއަައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރަން ލާޒިމުކޮށް އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް އެ އިސްލާހު ބަލައިގަތުމާ މެދު މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.