މިއިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީއާއެވެ.
އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންއެވެ.
ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، އެމްޓީސީސީ މެނޭޖިން ޑިރެކްޓަރާއި، ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
އޮމަދޫ ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން
މި މަޝްރޫއުގެ ދަށުން، 2000 އަކަފޫޓުގެ ފުލުހުންގެ މަރުކަޒަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 2.2 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ގާއިމުކުރުމަށް، އެކަމަށް ބޭނުންވާ އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތެވެ.
އެގޮތުން ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.