ads
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ޓްރައިބިއުނަލަށް ކުރިމަތިލީ ޓެކްސް ނިޒާމް ހިނގާގޮތް ބަލަން: މަހާޒު
ޓްރައިބިއުނަލަށް ކުރިމަތިލެއްވީ ކުރިން ނިންމަވާފައި ހުރި ނިންމެވުންތައް ހިނގަމުން އަންނަ ގޮތް ބަލާލަން ޝައުގުވެރިކަން ހުރުމުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވީ ޓެކުހުގެ މައްސަލަތަކަކީ އޭނާއަށް އުނދަގޫ މައްސަތަކެއް ނޫން ކަމަށެވެ. 

ސުޕްރީމް ކޯޓުން މިހައިތަނަށް ނިންމި ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމަވާފައި ވާނީ އޭނާ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ސުޕްރީމް ކޯޓުގެ ވަޒީފާ އަދާ ކުރިއިރު ވެސް އަބަދުވެސް ކުރާ ކަމެއް ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާންތައް ދާއިމީ ގޮތެއްގައި ބެލުން. ޓެކްސް އެޕީލް ޓްރަބިއުނަލްއަށް އިއުލާންކޮށްފައި، އަޅުގަނޑު ހަނދާން ވަނީ ހަތަރުވަނަ އިއުލާން ކަންނޭނގެ، އަޅުގަނޑު ކުރިމަތިލީ. [ހަތަރުވަނަ ފަހަރަށް] އިއުލާން ފެނުނީމަ އަޅުގަނޑު ހިތަށް އެރީ، މީހަކު ނުވެގެންބާވައޭ މި އުޅެނީ،" ޝާހިދުގެ ސުވާލަށް ޖަވާބު ދޭން ފައްޓަވަމުން މަހާޒު ވިދާޅުވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ދެން އޮތީ ވަރަށް ކުރު މުއްދަތެއްކަން ޝާހިދުގެ އިތުރުން، ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކު ފާހަގަކުރެއްވުމާ ގުޅިގެން މަހާޒު ވިދާޅުވީ، މިއީ ކުރު މުއްދަތެއްގައިވިޔަސް ތަޖުރިބާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިނގި 121 މައްސަލައެއްގެ ތެރެއިން މިހާރު ވެސް މި އަހަރާއި މިދިޔަ އަހަރުގެ ގިނަ މައްސަލަތައް ތަތުބީޤުވަމުން އަންނަކަން މަހާޒު ފާހަގަކުރެއްވިއެވެ.

ޓެކްސް ޓްރައިބިއުނަލްގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ އޭގެ ތެރެއިން ދެ ބޭފުޅަކަށް މަޖިލީހުން ރުހުން ހޯއްދެވުމަށެވެ. ރައީސް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މަގާމަށް މީހުން ހޯދަން ތިން ފަހަރެއްގެ މަތިން ރައީސް އޮފީހުން އިއުލާނުކުރިއެވެ.

އެންމެ ފަހުން ޓެކްސް އެޕީލް ޓްރެބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވީ މިހާރު އުއްތަމަފަނޑިޔާރަކަށް ހުންނެވި, ޢަބްދުލްގަނީ މުހައްމަދެވެ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު, މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

މަޖިލިހުގައި ނެގި ވޯޓަށް ފަހު، މަހާޒު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް