ads
ޒާޔާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި: ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ އޭނާގެ ފޯނު ވަނީ ހިފަހައްޓާފަ - ފޮޓޯ: އެމްޑީޕީ
ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި، އެމްޑީޕީ މެމްބަރެއްގެ ފޯނު ހިފަހައްޓައިފި
ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ހިފަހައްޓައިފި އެވެ.
Advertisement

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޒާޔާގެ ފޯނު ހިފެހެއްޓީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 23:08 ހާއިރު ފޭސްބުކްގައި ޒާޔާގެ އެކައުންޓުން ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ ފޯނު ހިފަހައްޓަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދަން ކަމަށް އަމުރުގައިވެ އެވެ.

އެ މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓެކެވެ. މި އަމުރު ހިނގާނީ 72 ގަޑިއިރަށް ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ. މި މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުން ކަމަށް އަމުރުގައިވެ އެވެ.

ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސް، ފުލުހުން ޓެގްކޮށް އެ ރޭ ކުރި ޕޯސްޓުގައި ބުނީ އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ.

"ހަމަ ޖެހީ، ޖެހީ،" އޭނާގެ ޕޯސްޓުގައި ވެ އެވެ.

ޒާޔާގެ ފޯނު ފުލުހުން ހިފަހައްޓާފައިވާއިރު، ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން މަރާލަން ގޮވާލާ ޕޯސްޓު ކުރި މީހާ އާއި މިހާތަނަށް ފުލުހުން ސުވާލު ކޮޮށްފައެއް ވެސް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިން މަރަން ގޮވާލީ ފޭސްބުކުގައި ޝުއައިބު އަލީ ނަމަކަށް ކިޔާ އެކައުންޓެއް ހިންގާ މީހެކެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ މީހެއްކަން އޭނާގެ ޕޯސްޓުތަކުން އެނގެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް