މިނިސްޓަރު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއް ރޫޅާލުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކޮށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސިޔާސީ ބޭނުންތަކެއް ހާސިލުކުރުމަށް ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލުތަކަކީ "ފިނޑި" އަމަލުތަކެއް ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ފުލުހުންގެ މަސައްކަތާ މެދު ހިޔާލު ތަފާތުވާނަމަ، ޝަކުވާ ހުށަހެޅުމަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތުތައް ހުޅުވާލެވިފައިވާ ކަން ފާހަގަކުރައްވައި، އެ އޮނގަނޑުން ބޭރުން ފުލުހުންނަށް އިންޒާރުދިނުން ސަރުކާރުން ބަލައިނުގަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލަ ފެންމަތިވެގެން އައީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހެއްގެ ފޮޓޯ އާއި ޒާތީ މައުލޫމާތުތަކެއް އާންމުކުރުމާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން ވެސް ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެ، އޮފިސަރުންގެ ރަސްމީ ވާޖިބަށް ހުރަސްއަޅައިފިނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.