އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދު އަށް ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ 27 ބިލްގެ ތެރެއިން ހަ ބިލެއް ހާއްސަ ކުރަނީ ކޮރަޕްޝަންގެ މައްސަލަތަކަށް އެޑްރެސް ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަޖިލީހުގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން މިހާރު ވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ ހަމައެކަނި ގާނޫނު އިސްލާހުކޮށްގެންވާ ކަމެއް ނޫން ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުންނާއި ވަޒީފާތަކުގެ އެކި ލެވަލްތަކުގައި ތިބި މީހުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވާނީ، ކޮންމެ މީހަކުވެސް އަމިއްލައަށް ފުރަތަމަ އެކަމާ ދުރުވާން ނިންމައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިގޮތުން، މަޖިލީހުގެ މި ދައުރަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި، ތަރައްގީއަށް އެންމެ ބޮޑަށް ހުރަސްއެޅިފައި އޮތް ކޮރަޕްޝަންގެ މައްސަލަ ހައްލުކުރަން ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށާއި ގާނޫނުލްއުގޫބާތަށް ވެސް އިސްލާހުތަކެއް ހުށަހަޅާ ކަމަށާއި ގާނޫނުލްއުގޫބާތަށް ގެންނަ އިސްލާހުން ޖުޑީޝަރީ، އޭސީސީ، ފުލުހުން، ޕީޖީއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ގާނޫނީ ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅައި، މި ރާއްޖޭގައި ކޮރަޕްޝަންގެ އަމަލަށް ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި އިސްލާހުތައް ފަރުމާކޮށްފައިވަނީ، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ނިޒާމުން ކޮރަޕްޝަން ފުހެލުމަށްޓަކައި ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށެވެ.