މިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ ޓޫރިސްޓުންގެ މެދުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ދިފާއުކޮށްފަ އެވެ. މިއަހަރު ރާއްޖެއިން އަންނަނީ އެ މަގާމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ވެސް ވާދަކުރަމުންނެވެ.
އެ ދެ އެވޯޑަށް ނޮމިނޭޓްވެފައިވާ އިރު ވޯޓުލުން ކުރިއަށް ދާނީ މިމަހުގެ 6 އިން 26 ގެ ނިޔަލަށެވެ.
އެ މަގާމު ހާސިލުކުރެވިއްޖެ ނަމަ، ރާއްޖޭއިން ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި އާދަތައް ޓޫރިޒަމްގެ ސިނާއަތުގައި އެކަށައެޅުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
"މިއީ ރިސޯޓް، ގެސްޓް ހައުސް، ލިވްއަބޯޑް އަދި މުޅި ސިނާއަތުގެ ބައިވެރިންގެ ބައިވެރިވުން ހިމެނޭ ބޮޑު ޝަރަފެއް. ވޯޓުލުން ފެށުމާ އެކު މި މަގާމުތައް ދިފާއުކުރުމަށް ހުރިހާ އެންމެން ގުޅިގެން ފޯރީގައި ވޯޓުދެއްވުމަކީ ދިވެހީންގެ ފަހުރުކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ބޮޑު ހިތްވަރެއް ވިޒިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ ވިދާޅުވެފައި އެވެ.
1993 ގަ ދޭން ފެށި މި އެވޯޑްގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމެވެ.