އަފްގާނިސްތާނުގެ އިންޓަނެޓްގެ ކަންތައް ބަލަހައްޓާ އިދާރާ، ނެޓްބްލޮކްސް އިން އޭއެފްޕީއަށް ބުނި ގޮތުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނޭ ގޮތުން ސޯޝަލް މީޑިއާ ބޭނުންކުރެވޭ މިންވަރު ވަކި ވަރަކަށް މިހާރު ވާނީ ހިފަހައްޓައިފަ އެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގެ ހިދުމަތް ލިބެނީ ކެނޑިކެނޑިގެން ބައެއް ވަގުތުތަކުގަ އެވެ.
ފާހިޝް އަމަލުތައް ހުއްޓުވަން ކަމަށް ބުނެ މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަނޑާލުމާ އެކު މުޅި އަފްގާނިސްތާނުގައި ކަންކަން ބޮއްސުންލައިގެން ގޮސް އޮޅުންބޮޅުންވި އެވެ.
މިދިޔަ މަހު ކުރީކޮޅު އެގައުމުގެ ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުން ހައި ސްޕީޑް އިންޓަނެޓް ކަނޑާލައިފަ އެވެ.
ޓެލެފޯންގެ ހިދުމަތް އެ ގައުމުގައި އާންމުކޮށް ދެނީ އިންޓަނެޓް ހިދުމަތް ވެސް ދޭން ބޭނުންކުރާ ކޭބަލްތައް މެދުވެރިކޮށްގެން ކަމަށް ވާތީ ފޯނުގެ ހިދުމަތަށް ވެސް އެއާ އެކު ކެނޑުނެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ބަލްހް ޕްރޮވިންސްގެ ތަރުޖަމާން އަތައުﷲ ޒައިދު ވިދާޅުވި ގޮތުގައި ތާލިބާނުންގެ ލީޑަރުގެ އަމުރާ ގުޅިގެން އުތުރު ޕްރޮވިންސްގައި ފައިބަ އޮޕްޓިކް އިންޓަނެޓް މިހާރު ވަނީ އެއްކޮށް މަނާކޮށްފަ އެވެ.
އެ ގައުމުގައި ކުރިން އޮތް، އެމެރިކާގެ ތާއީދުގައި ހިންގި ސަރުކާރުން 2024 ވަނަ އަހަރު ކާބުލްގައި ވަނީ 9،350 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ނެޓްވޯކް އަޅައި ހިދުމަތް ދީފަ އެވެ. އެކަމަކު ތާލިބާނުން އަލަށް ވެރިކަމަށް އައުމަށް ފަހު ވަނީ އެތައް ކަމެއް ބަދަލުކޮށްފަ އެވެ.