ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުން މިހާރުވެސް އަންނަނީ 1،400އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުންނެވެ.
ހިޔާވެހި ފައިނޭންސިންއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެކަން އެ ބޭންކުން ފާހަގަކުރި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ލޯނު ލިބޭ ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.
އެ މަސައްކަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ނަގަން ޖެހެނީ ވެސް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ޒިންމާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން ކަމަށެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް ކަމަށެވެ.
ހިޔާވަހި ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 23 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 15 ފަރާތަކާ ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.