ކުރީގެ ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީގެ ތަހުގީގަށް ހާޒިރުވާން އެންގުމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ސޯލިހު ވިދާޅުވީ، އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރަން އަންގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެއީ، އިންސާފުން އެއްކިބާވެ، ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.
އޭސީސީން ފައްޔާޒު އާއި އަމީރާއި އައިޝަތު އަލީ ވެސް ހާޒިރުކުރަނީ އޭރުގެ ސަރުކާރުން 2019 ގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލަތަކެއްގެ ތަހުގީގަށެވެ. މީގެ އިތުރުން ވެސް އޭރުގެ ސަރުކާރުގެ މިނިސްޓަރުންތަކެއް ހާޒިރުކުރާނެ ކަމަށް މައުލޫމާުތު ލިބިފައި ވެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ކުރާ މަސައްކަތްތަށް ގިޔަރެއް މައްޗަށް ޖައްސާލާފައި މިވަނީ އިދިކޮޅު ސިޔާސީ ހަރަކާތް ފުޅާކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން ބުނަނީ ސަރުކާރުން މި ކަންކަން ކުރަމުން އަންނަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމުގައި ސަރުކާރަށް ވާގިވެރިވަނީ އޭސީސީން ކަމަށެވެ.