ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ތަފާތުވާނެކަން ފާހަގަކޮށް ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މިއަހަރުގެ މަހާސިންތާގައި 210 ޕްރިންސިޕަލުންވަނީ ބައިވެރިވެފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ ޓީޗަރުންގެ ބައިވެރިވުމާ އެކު ނޫން ކަމަށެވެ.
ނަމަވެސް މި ފަހަރުގެ ކޮންފަރެންސް ބާއްވާފައި ވަނީ ޕޮލިސީ ކަރުދާސްތައް ފޮނުވައި ފުޅާ ދާއިރާއެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުން މަޝްވަރާކޮށް އެ ބޭފުޅުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އައިސް ކޮންފަރެންސްގައި މަޝްވަރާ ކުރާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.