ads
ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް މިއަދު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރު ކުރަނީ
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން ބައެއް މާއްދާތައް ކިޔަވައި ދޭން ޓީޗަރުން ތަމްރީނުކުރުމުގެ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދާއި މާދަމާ ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ސުކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ, އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވާ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުމަށް ކަމަށެވެ.

އެގޮތުން، ގައުމު އުނގެނުމުގެ މަތީގައި ދެމިއޮންނާނީ ވިސްނައި ފިކުރު ކުރާ ޒުވާނުންނާއި ދަރިވަރުންތަކެއް އުފެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ، ސުކޫލު މަރުހަލާ ނިންމުމަށް ފަހު އޮއްޓަރު ހުރި ކަންކަމުގައި ޒުވާނުންނަށް ނޫޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބަދަލު ގެނެވޭނީ މިހާރު ތައުލީމީ ނިޒާމުގައި އަމަލުކުރާ ގޮތް ވެސް ބަދަލުކޮށްގެންކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ، ޓީޗަރުން އޭއައިއަށް ތަމްރީނު ކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަންނަ އަހަރު އޭއައި ދާއިރާ އިން ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ބޮޑު ކެމްޕޭނެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރޯދަ މަހު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް އެކަށީގެންވާ ކަންކަން ހިމަނާފައި ވާނީ. އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭން ޖެހޭ ޓްރެއިނިން މި މުއްދަތުގެ ތެރޭގައި ދިނުން،" އިސްމާއިލް ވިދާޅުވި އެވެ.

އޭއައި ބޭނުންކޮށްގެން ޓީޗަރުން ތަމްރީނު ކުރުމުގެ މައްޗަށް މީގެ ކުރިން ވެސް މިނިސްޓަރު ވާހަކަ ދައްކަވާފައިވެ އެވެ. އޭރު މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަންވާނީ ޓެކްނޮލޮޖީ އަށް އަހުލުވެރި ބައެއްގެ ގޮތުގައި ކަމަށެވެ.

your imageޕްރިންސިޕަލުންންގެ މަހާސިންތާގެ ތެރެއިން: އަންނަ އަހަރު އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން ތަމްރީނު ކުރާ ކެމްޕެއިނެއް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޓީޗަރުން އެ ދާއިރާގައި މަދުވުމުގެ މައްސަލަކަން ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއްދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްގީކޮށް ވިސްނާ ގައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުންކަން ތަކުރާރުކުރައްވަމުން، ތައުލީމީ ނިޒާމުގެ ތެރެއިންވެސް ދިރިއުޅުމަށް ތައްޔާރުވާ ކުއްޖަކު ތައްޔާރުކުރުމުގައި ބޮޑަށް ވިސްނަންވީ ފިކުރުކުރާ ބިނާކުރަނިވި ކުއްޖަކު އުފެއްދުމަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭއައިން ޓީޗަރުން ތަމްރީނު ކުރުމަށް ނިންމިއިރު، ރާއްޖޭގެ ސުކޫލުތަކުގައި ޖުމުލަ 11،372 ޓީޗަރުން މިދިޔަ އަހަރު ކިޔަވައިދިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް