މިއީ ރާއްޖޭގައި ބާ އިމްތިހާނު ބާއްވާ ހަތަރުވަނަ އަހަރެވެ. އަދި މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އެންމެ މަދުން ކެންޑިޑޭޓުން ބައިވެރިވި އަހަރަކީ ވެސް މިއީއެވެ.
ބާ ކައުންސިލުން ބުނީ، 2022ވަނަ އަހަރަށް ފަހު މިހާތަނަށް 644 ކެންޑިޑޭޓަކު ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ މި އަހަރު ބައިވެރިވި 136 ކެންޑިޑޭޓުންގެ އިތުރުން 2022ގައި ބައިވެރިވި 176 ކެންޑިޑޭޓުންނާއި 2023ގައި ބައިވެރިވި 149 ކެންޑިޑޭޓުންނާއި މިދިޔަ އަހަރު ބައިވެރިވި 183 ކެންޑިޑޭޓުންނެވެ.
މިއަހަރުގެ ބާ އިމްތިހާނު ބާއްވާފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއެކޭޝަން ހުންނަ އިމާރާތުގަ އެވެ.
ބާ އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވައިލެވޭ ބާ އިމްތިޙާނުގެ "ކޮމިޓީ އޮފް އެކްސްޕަރޓްސް" އިންނެވެ.
ބާ އިމްތިޙާނަށް ކެންޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާ ކައުންސިލުން ކޮންމެ އަހަރަކުވެސް ރީޑީން ލިސްޓެއް ޝާއިޢުކޮށް، އޮރިއެންޓޭޝަން ސެޝަނެއް ބާއްވައި އަދި އިމްތިހާނުގެ ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް އިންތިޒާމުކުރެ އެވެ.
ބާ އިމްތިހާނުން ފާސްވުމަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ގާނޫނީ ވަކީލަކަށް ވުމަށް ކަނޑައަޅާފައިވަ ތިން ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ.