މި މަޝްވަރާތައް ކޮށްފައިވަނީ އެ ގައުމުން ރާއްޖެއަށް އާކޮށް ކަނޑައެޅުއްވި ސަފީރު ޑރ. ފެލެކްސް ނިއުމަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ އަޒުމް ކަނޑައަޅާފައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ އިތުރުން، ތައުލީމާއި ޓޫރިޒަމް އަދި އިގްތިސާދީ ދާއިރާއިން ރާއްޖެއާއި ޖަރުމަނާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. މި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ދެ ގައުމަށް ވެސް މަންފާ ލިބޭނެ ކަމެއްކަން ފާހަގަކުރެވުނެވެ.
ޖަރުމަނުގެ އާ ސަފީރު ޑރ. ފެލެކްސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.