މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ, 3 ކޮޓަރީގެ ފްލެޓްތައް ހަމަޖެއްސުމަށްފަހު ބާކީވާ ފަރާތްތަކަށް މި އޮޕްޝަން ހުޅުވިގެންދާނެ ކަމަށެވެ.
މި ފުރުސަތު 2 ކޮޓަރީގެ ފްލެޓްތަކުގެ ލިސްޓުން ބައެއް ފަރާތްތައް ވަނީ އުނިވެފައެވެ. އޭގެ ތެރޭގައި އަސާސީ ޝަރުތު ހަމަނުވާ ފަރާތްތަކާއި, ދެމަފިރިންނަށް ފްލެޓް ލިބުމުން އޭގެ ތެރެއިން އެއް ފަރާތެއްގެ ފްލެޓް ކެންސަލް ކުރުމުން ބާކީވާ ފްލެޓްތައް ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ, މިގޮތަށް ބާކީވާ ފްލެޓްތަކުގެ ސަބަބުން, 75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބުނު ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓެއް ދިނުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި, ކުރީ ސަރުކާރުން 75 ޕޮއިންޓް ލިބުނު ފަރާތްތަކަށް ދޫކޮށްފައިވާ ފްލެޓް ނަންބަރުތައް ކެންސަލްކޮށް, އަލުން ގުރުއަތު ނަގަން ނިންމީ ހުރިހާ ފަރާތްތަކަށް އިންސާފު ގާއިމުކޮށްދިނުމަށްކަމަށެވެ. އެގޮތުން 76 ޕޮއިންޓުން މަތި ލިބުނު ފަރާތްތަކަށް ފްލެޓް ދިނުމަށްފަހު ބާކީ ހުރި 3 ކޮޓަރީގެ ފްލެޓްތަކަށް 75 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގާނެއެވެ. މި ގުރުއަތުން ފްލެޓް ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.