އޭސީސީން ބުނީ ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް، މުއާޒު އަލީގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭސީސީން ބުނީ، 2018ގައި އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ.
އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އަދި ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގުންން ހޯދިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އެ މައްސަލައިގައި މުއާޒުގެ މައްޗަށް އޭސީސީން ކޮށްދިނުމަށް އެދިފައި ވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ އެވެ.