އުމުރުން 27 އަހަރުގެ ސާލިހް ޝަހީދުވެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ގައްޒާއަށް ދެމުންދިޔަ އުދުވަނީ ހަމަލާތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ގާއިމްކޮށް، އެ އެއްބަސްވުމަށް އަމަލުކުރަމުން ދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޝަހީދުކޮށްލާފައި ވަނީ ގައްޒާގައި ހަރަކާތްތެރިވާ ޔަހޫދީންނާ ގުޅުންހުރި ހަތިޔާރުއެޅި ބައެކެވެ.
އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގެ ހެނދުނުގެ ވަގުތަކު ބަޔަކު ސާލިހް ވަގަށް ނަގާފައިވާ ކަމަށާއި، އޭނާއަށް ބަޑިން ހަމަލާ ދީފައިވާ ކަމަށާއި އޭނާގެ ހަށިގަނޑަށް ހަތް ވަޒަން އަރާފައިވާ ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.
ގައްޒާގެ ހަބަރުތަކާއި ވާހަކަތައް ދުނިޔެއަށް ގެނެސްދިނުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އޭނާގެ މަސައްކަތުގެ ސަބަބުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީން ދިޔައީ އޭނާއަށް ތަފާތު އިންޒާރުތައްދީ މަލާމާތްކޮށް ދުއްތުރާ ކުރަމުންނެވެ.
ނަމަވެސް ފެށުނީއްސުރެ ވެސް ސާލިހް އޭނާގެ ދީނާއި ވަޒަނުގެ ހައްގުގައި މަސައްކަތް ކުރަމުން ދިޔައީ ޖެހިލުން ކުޑަ ކަމާއި ހިތްވަރާއި ޖޯޝާ އެކުގައެވެ.
ސާލިހްއަކީ ހަނގުރާމައިގެ ތެރޭގައި ޔަހޫދީން އައްޝިފާ ހަސްފަތާލު ހުސްކުރުމަށް އެނގުމުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހަސްފަތާލުގައި މަޑުކުރި ނޫސްވެރިއެކެވެ.
އެ ހަސްފަތާލުން އެންމެ ފަހުން ނިކުތް މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.
އޭނާގެ ފަހުގެ ވީޑިޔޯތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ވީޑިޔޯއަކީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުން، އެހެން ނޫސްވެރިންތަކަކާއެކު ގައްޒާގެ މަގުތަކުގައި އެ ކަން އިއުލާނުކޮށް ދަންވަރުގެ ވަގުތުގައި ހިނގައި މަންޒަރު ފެންނަ ވީޑިޔޯއެކެވެ.
ޝަހީދުވުމުގެ ކުރިން ދޫކޮށްލާފައިވާ އެއް ވީޑިޔޯގައި އޭނާގެ ޕްރެސް ޖެކެޓު ކުޑަކުއްޖެެއްގެ ގައިގައި އަޅުވައި، ބޮޑެތި މީހުން މަރުވެ ދިޔަސް، އެ މަސައްކަތް ކުރަން ގައްޒާގެ ކުޑަކުދިން ތިބި ކަމަށް ބުނެ، އެ ކުދިންނަށް އެ މަސައްކަތައިގެން ކުރިއަށް ދިޔުމަށް ހިތްވަރު ދީފައިވެއެވެ.
ސާލިހްގެ ވަސިއްޔަތުގައި އޭނާ ބުނީ އޭނާގެ މަރަކީ ނިމުން ކަމުގައި ނުދެކުމަށެވެ.
އަދި މުޅި ދުނިޔެއަށް އޭނާ ފޯރުކޮށްދޭން ބޭނުންވި މެސެޖު ފޯރުކޮދިނުމުގައި ދެމިތިބުމަށް އޭނާ ގޮވާލާފައިވެ އެވެ.