މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މެންބަރު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ، އޮކްޓޯބަރު މަހުގެ ތިނެއްގައި ހައްޔަރުކުރި މީހުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް، އެމީހުންގެ އަސާސީ ހައްގުތައް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، ބޭސްފަރުވާ ނުދީ ލަސްކުރުމުގެ އިތުރުން، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް އާއިލާތަކުން ބޭސް ފޮނުވުމުގެ ފުރުސަތު ވެސް ލަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނިންމަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކުއްލި މައްސަލައެއް ބިނާވާން ޖެހޭނީ ހަގީގަތެއްގެ މައްޗަށް ކަމަށާއި، މި މައްސަލަ އެފަދަ ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ކަމަށް ގަބޫލު ނުކުރެއްވޭތީ މައްސަލައަށް ފުރުސަތު ނުދެއްވީ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން މެންބަރު މައުރޫފް ނިޒާމީ މައްސަލައެއް ނަންގަވައި، މައްސަލަ ހުށަހަޅާއިރު ހެކި ހުށަހަޅަން ގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރިޔާސަތުން އަމަލުކުރަމުން ދަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ދެކޮޅު ހައްދަވާފަ އެވެ.