ފައްޔާޒު ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ތަހުގީގަކީ އެއްވެސް ތާކުންތާކުން ނުޖެހޭ މައްސަލައަކާއި ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގެއް ކަމަށާއި އެ ތަހުގީގުތަކަށް ބޭނުންވާ ލިޔެކިޔުންތައްވެސް އެ ކޮމިޝަނަށް އެއްކުރެވިފައި ނުވާ ކަމުގަ އެވެ.
އެ މައްސަލަ އަކީ ވަކި މީހަކު އަންގައިގެން ކުރިޔަށް ގެންދާ ތަހުގީގެއް ކަމަށާއި އެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން އިން ހިންގަނީ އެ ކޮމިޝަނަށް އެކަން ކުރަން މަޖުބޫރުވެގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލަ އަކީ އެެއްވެސް އަސާސެއް އަދި ބުރަދަނެއްވެސް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދާ ތަހުގީގެއް ކަމަށާއި އެ ތަހުގީގުގެ ބޭނުމަކީ އިދިކޮޅުގައި ތިބި ބޭފުޅުންނައް ބިރު ދެއްކުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ތަހުގީގެއް ކަމުގައި އެވެ.
ކިތަންމެ ބިރު ދެއްކިޔަސް ބިރުން ފިލާ ނުތިބޭނެ ކަމަށާއި ސަރުކާރުން ހިންގާ ކޮރަޕްޝަން އަދި އެހެންނިހެންވެސް ކަންކަމުގެ ވާހަކަ ހަމަ ދައްކަމުން ދާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައި އެވެ.
ވަކިވަކި މެމްބަރުން ހައްޔަރުކޮށް ޖަލަށްލި ނަމަވެސް އެމްޑީޕީގައި ތިބި މެމްބަރުން ފަހަތަށް ނުޖެހޭނެ ކަމަށާއި އަބަދުވެސް ސަރުކާރު ހަމަމަގަށް އެޅުވުމުގައި މުޅި ޕާޓީ އެކީގައި ވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒް އިސްމާއިލް އޭސީސީއަށް ހާޒިރު ކުރަން ޗިޓް ފޮނުވަފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ.
ފައްޔާޒް އޭސީސީ އަށް ހާޒިރުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފަ އެވެ.
އޭގެ އިތުރަށް، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ، މިއަދު ހެނދުނު 09:30 އަށް އެ ކޮމިޝަން ހިންގާ މ. ފިނިވަރު، ހަތްވަނަ ފަންގިފިލާއަށެވެ.
ފައްޔާޒުގެ އިތުރުން އެ ކޮމިޝަނުން ވަނީ ކުރީ ފައިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ހާޒިރުކޮށްފަ އެވެ.