ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުމާ ގުޅިގެންނެވެ.
އާއްމުކޮށް މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކުގައި ފިރިހެން މެންބަރުން ތިއްބަވަނީ ބެގީކޮށް, ޓައީ އަޅުއްވައިގެންނެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓް ތުރުކުރައްވަ އެވެ. އަދި, ބައެއް މެންބަރުން ވެސް ކޯޓުކޮޅުގައި ޖަލްސާއަށް ވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ޓައީ އެޅުއްވުން ހުއްޓާލީ ވަޒީރުން ހާޒިރުކުރަން ޖެހޭ މުއްދަތުގައި މަޖިލީހުން ހާޒިރުކުރަން މަސައްކަތް ނުކުރާތީ އެ ކަމުގެ އިހުތިޖާޖުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާއިރު ޓައީ އަޅައިގެން ތިބުން ހިމެނޭ ގޮތަށް، ހެދުން އެޅުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަނީ ދެ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ ދެ އިސްލާހުގައިވާ ގޮތަށް މަޖިލީހުން މި އުސޫލު ފާސްކުރީ 48 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ގަވައިދަށް މިއަދު އިތުރުކުރި ޖަދުވަލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފިޔަވައި އެހެން ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ ތިން ބާވަތެއްގެ ހެދުމުގަ އެވެ. އެއީ:
1- ކޯޓުފަޓުލޫނާއި ޓައީ
2- ގަމީހާއި ފަޓުލޫނު އަދި ޓައީ
3- ގައުމީ ހެދުން
ދެވަނަ އިސްލާހުގައިވަނީ، ރައީސް އާއި ނައިބު ރައީސް ހުވާކުރެއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އާއި މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ އަދި ރައީސް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާތަކުގައި ތުރުކުރައްވާނެ ހެދުމެވެ. އެއީ:
1- ފިރިހެން މެންބަރުން ތިއްބަވަން ޖެހޭނީ ކޯޓު ފަޓުލޫނާއި ޓައި ނުވަތަ ގައުމީ ހެދުމުގައި
2- އަންހެން މެންބަރުން ތިއްބަވަން ޖެހޭނީ ކޯޓު ފަޓުލޫނު ނުވަތަ ގައުމީ ހެދުމުގައި
އެ ޖަދުވަލުގައިވާ ގޮތުން މަޖިލީހުގެ އަންހެން މެންބަރުން އާއްމުކޮށް މަޖިލީހުގެ ޖަލްސާތަަކަށް ވަޑައިގަންވަން ޖެހޭނީ ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުމެކެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވެސް އެފަދަ ހެދުމެއް ނުވަތަ ކޯޓުފަޓުލޫނު ތުރުކުރެއްވުމުގެ އިހުތިޔާރު އަންހެން މެންބަރުންނަށް އޮވެ އެވެ.
މި އުސޫލު ފާސްކުރުމާ އެކު، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދެން ވިދާޅުވީ ގަވާއިދަށް ހުރިހާ މެންބަރުން ވެސް އިހުތިރާމުކޮށް އަމަލުކުރައްވަން ވާނެ ކަމަށެވެ.
ހެދުން އެޅުމުގެ ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅެ އެވެ.