މާލޭ ސިޓީ ކައުންސިލުން ވަނީ މަގުތަކުން ވިއްކި ޕާކިން ޒޯންތައް އެންމެންނަށް ބޭނުންކުރެވޭ ގޮތަށް މި މަހު އެއްވަނަ ދުވަހު ހުޅުވާލާފަ އެވެ.
އެ ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ޕާކިން ޒޯންތަކުގައި ޕާކްކުރާ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ފުލުހުން ނަގާނެ ކަމަށް ބުންޏެވެ.
އެ ޒޯންތަކުގައި ސައިކަލު ޕާކު ނުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކާރު ޕާކު ކުރާ ޖާގާގައި ސައިކަލު ޕާކުކޮށް އެހެން މީހުންނަށް އެ ޖާގަ ބޭނުން ނުކުރެވޭނެހެން ހަދާފައި ހުންނާތީ އާންމުންގެ ޝަކުވާ ގިނަ އެވެ. މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ.