އިންތިހާބަކާ ނުލައި، މީޑިއާ ކޮމިޝަނަށް ހޮވުނީ، އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ ސިމާހާ ނަސީމްއާއި އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފްގެ އިތުރަށް އަބްދުލް އަޒީޒް އިބްރާހީމް، ށ.ފޭދޫ/ މޫނިމާގެ އެވެ.
އޭގެތެރެއިން އަބްދުލް އަޒީޒްއާއި ޒަމްއަތު އިންތިހާބުވީ ބްރޯޑްކާސްޓަރުންގެ މަގާމަށް ކަމަށްވާއިރު، ސިމާހާއާއި ސަގީފް އިންތިޚާބުވީ މީޑިއާތައް ތަމްސީލުކުރާ މެމްބަރު ކަމަށެވެ.
މިއަދު ރައީސް އޮފީހުން ބުނީ، އެ ބޭފުޅުން މިއަދު މީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ. ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލާން ހުލުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.
މީޑިއާ ކޮމިޝަން ގިނަ މީޑިއާތަކުން ބަލައެއް ނުގަނެ އެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ވެސް މީޑިއާތަކުގެ ޝައުގުވެރިކަން ނެތެވެ. މީޑިއާ ކޮމިޝަން އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވަނީ އެ ގާނޫނު ތަސްދީގުކުރުމާ އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.
މީޑިއާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުގެ ނިޒާމުގެ ތެރެއިން ނޫސްވެރިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.