ށ.ގއޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިމަޝްރޫއުގެ ދަށުން، ގޮއިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ.
މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދެވިފަ އެވެ.
ށ.ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 89.05 މިލިއަން ދިވެހި ރުފިޔާ އެވެ.
މިމަޝްރޫއުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ އެވެ.