މި މައްސަލާގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.
މި ހަތަރު މީހުންގެ ތެރެއިން އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ. މުހައްމަދު ވަހީދުގެ ބަންދަށް ޖަހާދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން އަމުރު ކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
ފުުލުހުން ބުނީ މި ހަތަރު މީހުންނަކީ އެމްޕީއެލް ބަނދަރުން ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެގުމުގައި އެކަން ރާވާ އިސްކޮށް ހަރަކާތްތެރިވި މީހުންކަމަށެވެ. އަދި މި މައްސަލާގައި 12 މީހަކު ފުރުން މަނާކޮށްފައިވާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހަތަރު މީހުންގެ ތެރެއިން މުއާޒަކީ ކަސްޓަމްސްގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު ވެސް ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހެކެވެ. އޭނާ މިހާރުވެސް ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައެވެ.
މިދިޔަ އޭޕްރިލްމަހު ކަސްޓަމްސްއިން ހިފަހައްޓާ އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް 2 ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ގައި އެމްޕީއެލްގެ 6 މުވައްޒަަފަކުވެސް ސަސްޕެންޑްކޮށްފައިވާކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ ކޮން ބައެއްކަމެއް އަދި މި ވައްކަމުގައި އެމީހުންގެ ރޯލަކީ ކޮބައިކަމެއް އެމްޕީއެލްއަކުން ނުބުނެއެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.