ads
އެސްޓީއޯއިން ވިއްކާ މޭވާއާއި ތަރުކާރީ
އަގުހެޔޮކޮށް ވިއްކަން ކަނޑައެޅި 23 ބާވަތުގެ ކާބޯތަކެތި ވިއްކަން ފަށައިފި
ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ކަނޑައެޅި 23 ބާވަތެއްގެ ތަކެތި ވިއްކަން ފަށައިފި އެވެ.
Advertisement

މިކަމާއި ގުޅިގެން މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ގިނަ އަދަދެއްގެ ތަކެތި އަސާސީ ބާވަތްތަކެއްގެ ގޮތުގައި އެސްޓީއޯއިން ވިއްކަން ފެށުމަކީ ތާރީހީ ކަމެއް ކަމަށެވެ. 

އޭނާ މައުލޫމާތު ދެއްވި ގޮތުގައި މިހާރު އެސްޓީއޯއިން ރާއްޖޭގެ ދަނޑުުވެރިންގެ އަތުން ތަކެތި ގަނެގެން ވިއްކަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތު ހަމަ އެކަނި ދަނޑުވެރިން އަތުން ގަންނަނީ ހަމައެކަނި ޖުމްހޫރީ މޭވާ ނަމަވެސް ރާއްޖޭގެ ދަނޑުތަކުގައި ހެއްދޭ އެހެން ނިހެން ތަކެތި ގަތުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ.

"އަބަދުވެސް ބޭނުންވަނީ އާންމު ވިޔަފާރިތަކާއި ގާތް ގުޅުމެއް ބާއްވާ އެ ބޭފުޅުން ފަސޭހަކަމާއި އެކު މުދާ ލިބޭނެ ފަދަ ގޮތަކަށް އިސްޑަސްޓްރިއަލް ވިލެޖުގައި ހާއްސަ ތަނެއް ހުންނާނެ. އަދި ބޯޓުތަކުން ރަށްރަށަށް މުދާ އުފުލާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށް ބާޒާރުމަތީގައި ކުރިން މަކީޓާ ޝޯރޫމްގެ ގޮތުގައި ބޭނުންކުރި ފިހާރަ ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރައަކަށް ބަދަލުކޮށްފައިވާނެ" ޝިމާދު ވިދާޅުވި އެވެ

މި ގެނެވުނު އަސާސީ ކާބޯތަކެތި ވިއްކުމުގައި ބަލާނީ އާންމުންނައް އަތް ފޯރާ ފަށުގައި މި ތަކެތީގެ އަގު ބެހެއްޓުމަށް ކަމަށާއި މިވަގުތު ބޮޑަށް ބަލާނީ ހޯލްސޭލް މާރްކެޓަށް މި ތަކެތި ވިއްކުމުގެ ބަދަލުގައި ރީޓެއިލްކޮށް މި ތަކެތި ވިއްކުމަށް ކަމަށް ޝިމާދު ވިދާޅުވި އެވެ. 

ޝިމާދު ފަހަގަ ކުރެއްވި ގޮތުގައި އެ ތަކެތި ވީހާވެސް ދެމެހެއްޓެނިވި ގޮތުގައި ގެނެވޭނެކަމުގެ ޔަގީންކަން އޮތް ކަމުގަ އެވެ. 

ޝިމާދު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ނެތުމުގެ ގިނަ ޝަކުވާތަކެއް އެ ކުންފުންޏަށް ލިބެމުންދާތީ ހުޅުމާލެ ފޭސް އެކެއްގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި ހުޅުމާލެ ފޭސް ދޭއްގައި ފިހާރައެއް ހުޅުވުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން އެ 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފަ އެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ އެވެ. އެސްޓީއޯއިން އެ ތަކެތި ވިއްކާ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ އެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި އަލަށް ގެނައި ތަކެއްޗަށް އޮތް ޑިމާނަޑަށް ބަލައި އެ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ އިތުރުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ގެނެސް ވިއްކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ  އެވެ.

ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް އޭރުގައި ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.

އެސްޓީއޯއިން މީގެ ކުރިން ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދިޔައީ ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން ބައެއް ބާވަތްތަކުގެ ތަރުކާރީ އާދި އެ ނޫން ވެސް ބައެއް ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް ގެނެސް ވިއްކަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް