ރައީސް ވިދާޅުވީ، މިލަންދޫ އެއާޕޯޓަކީ ހުރިހާ މާނައެއްގައިވެސް މިލަދުންމަޑުލު އުތުރުބުރިއަށް ތަރައްޤީ ގެނުވާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.
މިލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ 30 މަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ރަށުގެ އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ %100 ޔަގީންކަން ދެއްވައިފަ އެވެ.
މިގޮތުން، އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމާއި، ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ވެސް މި މުއްދަތުގެ ތެރޭގައި ހިމެނޭނެކަމަށް ރައީސް ވިދާޅުވި އެވެ.
އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަށް ރިޔާސީ އިންތިހާބުގައ ރައީސް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ވެސް ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމެވެ. މި ޔަގީންކަން އެމަނިކުފާނު ވަނީ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ވެސް ދެއްވައިފަ އެވެ.
މިލަންދޫގެ ރައްޔިތުންނަށް ދެއްވި 100 ޕަސެންޓް ޔަގީންކަމާ އެކު މިއަދު ވަނީ ރައްޔިތުންގެ އުއްމީދީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އެއާޕޯޓު އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.