ads
ބަންޑުން ޖަހާލި ކޮޅުވެއްޓި
ކޮޅުވެއްޓި ހާދިސާގައި ނިޔާވި މީހާގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ހާދިސާގައި ނިޔާވި މީހާގެ އާއިލާ އަށް ރައީސް ޑރ. މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ހާދިސާއެއް ރޭ ހިނގައި، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ހަބަރު އަޑު އެއްސެވީ ފުން ހިތާމަ އާއި އެކުގައި ކަމުގައި އެވެ. 

މަރްހޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުއާކޮށް، އެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދޭކަމަށް ރައީސް ވަނީ މި ޕޯސްޓުގައި ވިދާޅުވި އެވެ. 

"މި ހާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ 2 މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން އެދި ދުއާކުރަން. އަދި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާއްމު ހާލަތަކަށް އައުމަށް އެދި ދުއާކުރަން." ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ފަޅުވެރީންގެ އާއިލާތަކަށްވެސް އެދެނީ ކެތްތެރިކަން ދެއްވުން ކަމަށާއި ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

މި ފުރުސަތުގައި، މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކާތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށް ރައީސް ވިދާޅުވި އެވެ 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބި ހަތް މީހުންގެ ތެރެއިން، ޝިފާން ހިމެނޭ ގޮތުން ތިން މީހަކު ގެއްލުނެވެ. މަރުވެފައި އޮއްވާ ޝިފާން ފެނުނުއިރު ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ގެންދަނީ ކުރަމުންނެވެ.

ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސްރީލަންކާގެ މީހަކާއި އިންޑިއާގެ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް