ads
އަކްރަމް
އެމްޑީޕީގެ ސަރުކާރުގައި އެއް އާއިލާއަކަށް ދެ ފްލެޓެއް ނުދެން: އަކްރަމް
އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެއްވެސް ދެމަފިރިއަކަށް އެކުގައި ފްލެޓު ދީފައިނުވާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަކްރަމް ކަމާލުއްދީން ވިދާޅުވީ މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު އެމްޑީޕީ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދައްކަވާފައިވާ ވާހަކަތަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. 

އަކްރަމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެއްވެސް ދެމަފިރިއަކަށް އެކުގައި ފްލެޓު ދީފައިނުވާނެ ކަމަށެވެ. 

"ގެދޮރުވެރިޔާ ސްކީމް ހިންގާފައި ވަނީ މީގެ ކުރިން ވެސް ސަރުކާރުން ހިންގާފައިވާ ހުރިހާ ސްކީމެއްގައި އަމަލު ކޮށްފައިވާ ގޮތަށް އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަން ނުލިބޭ ގޮތަށް، ނަމަވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި 900 އެތައް ބަޔަކަށް އެގޮތަށް ފްލެޓު ދީފައިވާ ކަމަށް، އެއީ ކަނޑައެޅިގެން އިތުރުފުޅެއް، މިހާރު އެ ބޭފުޅުން އެކަން ކުރައްވަމުން އެ ގެންދަވަނީ،" އަކްރަމް ވިދާޅުވިއެވެ.

އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކުރިން ފްލެޓް ލިބިފައިވާނަމަ، އެ މީހުންނަށް ފްލެޓް ދޭން އެއްބަސްވުމެއް ހަދާފައިނުވާނެކަމަށާއި ފްލެޓަށް އެދި އަނބިމީހާ އާއި ފިރިމީހާވެސް ވަކިން ފޯމު ހުށަހަޅާފައިވާ ނަމަ، އެ ދެމަފިރިންނަށް އެލޮކޭޓްކޮށްފައި ވާނީ އެއް ފްލެޓެއްކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަދި އެ އުސޫލުގެ ދަށުން ދެމަފިރިން ކުރެ އެކަކަށް ފްލެޓް ކަނޑައެޅުމަށްފަހު، އެއާ މެދު ދެމަފިރިން ގޮތެއް ނިންމަންދެން ފްލެޓް ހުންނާނީ ހޯލްޑްކޮށްފައިކަންވެސް އަކްރަމް ފާހަގަކުރެއްވިއެވެ. 

"އަނބިމީހާ އާއި ފިރިމީހާއަށް ވަކިން މި ސްކީމަށް ފޯމު ހުށަހަޅާފައިވާ ނަމަ، އެ ދެމަފިރިންނަށް އެލޮކޭޓްކޮށްފައި ވަނީ އެއް ފްލެޓް. އަނބިމީހާ އާއި ފިރިމީހާއަށް މި ސްކީމުގައި ވަކިން 2 ރޫމް ކެޓަގަރީއަށް ނޫނީ 3 ރޫމް ކެޓަގަރީއަށް ލާފައިވާނަމަ، އެ ދެމަފިރިން ހިޔާރު ކުރަންދެން ހުންނާނީ ހޯލްޑް ކުރެވިފައި،" މިދިޔަ ސަރުކާރުގެ ހައުސިން ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓު ލިބިފައި ތިބި ބަޔަކަށް ފްލެޓު ނުދީ 75 ޕޮއިންޓު ލިބިފައި ތިބި ބަޔަކަށް މިދިޔަ ސަރުކާރުން ފްލެޓު ދިން ކަމަށް ބުނެ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ދެއްކެވި ވާހަކަތައްވެސް އަކްރަމް ވަނީ ދޮގުކުރައްވާފައެެވެ. އަކްރަމް ވިދާޅުވީ އެއީ އަނބިމިހާ އަދި ފިރިމިހާއަށް ފްލެޓް ލިބިފައިވާތީ ހޯލްޑުކޮށްފައިވާ ފްލެޓްތައްކަމަށެވެ. 

"އެ ހޯލްޑު ކުރެވިފައި ހުރި ފްލެޓުތަކުގެ ވާހަކަ އެ ދައްކަވަނީ އަޅުގަނޑުމެން 76 އަކުން މަތި [ޕޮއިންޓު] ލިބުނު މީހުންނަށް ނުދީ އެބަހުއްޓޭ، އެއީ ކަނޑައެޅިގެން އޮޅުވައިލުމެއް، އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ އެކަން ހިނގާފައި އޮތް ގޮތް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ފްލެޓްކަން ކަން ރަނގަޅަށް ގެންދިޔުމަށް ފްލެޓު ލިބޭ މީހުން ހޮވުމާއި ގުރުނެގުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ސިވިލް ސާވިސް މުވައްޒަފުން ބައިވެރިކޮށްގެންކަމަށެވެެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކަމުގައި މަސައްކަތް ކުރި ސިވިލް ސާވިސް މުވައްޒަފުންނަކީވެސް އެމްޑީޕީ ސަރުކާރަށް ބައިއަތު ހިފައިގެން ތިބި ބައެއް ކަމަށް ތުހުމަތުކޮށް އެ މުވައްޒަފުން މަސައްކަތުން ދުރުކޮށްފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް