އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ގިނަ ފަރާތްތަކަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ ހިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.
އޭގެ އިތުރުން، ބިޔަވާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންވެ، އަންނަ ބުރާސްފަތީގެ ކުރިން ގޮނޑިތަކާއި މޭޒުތަކާއި ގަސްތައް ނުނަގައިފިނަމަ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަގުގެ ތެރޭގައި ވެސް ވަނީ ހުޅުމާލޭގެ ދުވާރުމަތީގައި ހުންނަ ގޮނޑިތައް ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކޮށްފަ އެވެ.