ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުން އަންނަކަމަށާއި އިންތިހާބުގެ ޓައިމްލައިން ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އަދި އިންތިހާބަށާް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ މިފަހަރު ހުށައަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އަދި މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ޒާހިދު ވިދާޅުވިއެވެ. މީގެއިތުރުން އެޕޯޓަލަށް މީހުން ފަރިތަކުރުމަށް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގެ އިދާރީ މަސައްކަތްތަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ދާއިރު އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލަރުން ގެ އަދަދު މަދުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.