ހަޔާ އެޑިއުކޭޝަނުގެ 2022 ވަނަ އަހަރުގެ ހަރަދުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ނެރުއްވި ރިޕޯޓްގައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 190 މިލިއަން ރުފިޔާގެ ތެރެއިން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް އެކަނި ވެސް 81 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އެއީ މިނިސްޓްރީން ދޫކުރި ލޯނުތަކުގެ 60 ޕަސެންޓެވެ. އަދި އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައިނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓުގައި ވަނީ، މަތީ ތައުލީމު ފޯރުކޮށްދިނުމުގެ މަގުސަދުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2022ގެ ނިޔަލަށް ޖުމުލަ 3.1 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 2.99 ބިލިއަން ރުފިޔާގެ ލޯނުތައް ބަލަހައްޓަނީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮޓޯރިޓީ (މީރާ)އާއި ބޭންކް އޮފް ސިލޯނުންނެވެ. އެއީ، ފިނޭންސް މިނިސްޓްރީއާ އެ އިދާރާތަކާ ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުންނެވެ.
އޮޑިޓް ރިޕޯޓުގައިވަނީ، ލޯނުތަކުގެ ދަށުން ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ އިދާރާތަކުން ކުރާ ގޮތަށް ފަހުމުނާމާތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބާކީ 134 މިލިއަން ރުފިޔާއަކީ މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ލޯނުތައް ކަމަށް ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ، ލޯނު ސްކީމްގެ ދަށުން އަނބުރާ ދައްކަން ޖެހޭ މުއްދަތު ހަމަވުމާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް 651 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2022ގެ ނިޔަލަށް 190 މިލިއަން ރުފިޔާ އަދިވެސް ނުލިބިވާ ކަމަށެވެ.
މާލިއްޔަތު ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ފައިސާ ބަލަހައްޓަން ޖެހެނީ އެމްއެމްއޭގައި ފިނޭންސް މިނިސްޓްރީން ހުޅުވާފައިވާ ޕަބްލިކް އެކައުންޓެއްގައި ކަމަށް ވާއިރު، ސްޓޫޑަންޓް ލޯނު ދޫކުރުމަށް ސިލޯނު ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި 2022 ވަނަ އަހަރުގެ ނިޔަލަށް 6.1 މިލިއަން ރުފިޔާ ހުރި ކަމަށް އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓުން ދައްކާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ އަހަރީ މާލީ ބަޔާނުގައި ނުލިބި ހުރި ފައިސާގެ ތަފްސީލު ހިމަނައި އަދި ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަން ޖެހޭއިރު، ހަޔާ އެޑިއުކޭޝަން މިިނިސްޓްރީން ދޫކުރި ފައިސާގެ ތެރެއިން އަނބުރާ ލިބެންޖެހޭ ފައިސާގެ ހިސާބު ބަލަހައްޓާފައިނުވާ ކަމަށެވެ. އެގޮތުން ވަކިވަކި ދަރިވަރުންނާ ގުޅޭ ތަފްސީލީ މައުލޫމާތު ހިމެނޭ ގޮތަށް ހިސާބުތައް ބަލަހައްޓާފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެހެންވެ، ލޯނު ފައިސާއާ ގުޅޭ ކަންކަން ގަވާއިދުން ބަލަހައްޓަމުން ގެންދަން އެ ރިޕޯޓުގައި އަންގާފައިވެ އެވެ.
އެ ރިޕޯޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން ހިމަނައިފައިވާއިރު، އެ ބަޔާނުން ދައްކާ ގޮތުގައި މިނިސްޓްރީއަށް 661 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، އެ އަހަރު 660 މިލިއަން ހަރަދުކުރި އެވެ.