ރައީސް ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން ލ.މާވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަހުގެތެރޭގައި ކުންފުންޏަކާއި މި ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރައްވާނެ ކަމަށެވެ.
4 އެނދުގެ ވޯޑަކާއި ނާރްސް ސްޓޭޝަން، ކޮންފެރެންސް ރޫމް ޕަބްލިކް ހެލްތް ޔުނިޓް، ލެބް އަދި ލޯންޑްރީ ހިމޭނޭ އިމާރާތެއް އަޅަން މިއަހަރު ތެރޭ ފެށިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
މި މަސައްކަތަކީ މި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހެދުމަށްޓަކާއި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެކަން ކުރަން އަދި އިތުރު މަރުހަލާތަކަކަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ގޮތަށް އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރުން ކަމަށާއި އެކަން އެ ގޮތަށް ކުރުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނާނެ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ.
މިރަށް މި އޮންނަ ގޮތުން ސީ އެމްބިއުލެންސްގެ ހިދުމަތް ހޯދަން ވަރަށް އުނދަގޫ ކަމަކަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުތެރޭގައި ސީ އެމްބިއުލެންސްގެ ފްލީޓް ބޮޑުކުރަން ވިސްނާފައިވާ ކަމަށާއި އެހެން ކަމުން އިތުރު ކުރާ ސީ އެމްބިއުލެންސްގެ ތެރެއިން އެމްބިއުލެންސް އެ ރަށުގައި ގާއިމުވެފައި އޮންނަ ގޮތަށް ހައްދަވާނެ ކަމަށެވެ.
އެ ރަށް ތަރައްގީ ކުރުމަށް މިއަދު ސޮއި ކުރި މަޝްރޫއުތައް އިތުރަށް ފުޅާ ކުރައްވާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ޓުއަރިޒަމް ދާއިރާވެސް މި އަތޮޅުގައި އިތުރަށް ތަރައްގީކޮށް އޭގެ މަންފާ ރައްޔިތުންނައް ހޯދާ ދެއްވާނެ ކަމަށް ރައީސް ވަނީ މި ރަސްމީޔާތުގައި ވިދާޅުވެފައި އެވެ.