މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގަ އެވެ.
މި މަޝްރޫއުގެ ދަށުން މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 1.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެ އެވެ.
މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު، ޑރ. މުއްތަލިބާއި، އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީއެވެ.
ލ. މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން
މި މަޝްރޫއުގެ ސަބަބުން އެރަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވަ އެވެ.
މާވަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަކީ ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދަވާނެ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ ދަށުން ފުރަތަމަ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މާވަށުގެ ބޮޑު ހަތަރު މަގެއް ކަމަށެވެ.
އަދި ބާކީ މަގުތައް ވެސް ތަރައްގީ ކުރުމުގެ މަސައްކަތް ކައިރި މުސްތަގްބަލެއްގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިއަދު ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށެވެ.