ads
ނޭނގި ހިތް ގެއްލުނީ - 49 ވަނަ ބައި
އެޕިސޯޑް 49
Advertisement

"އެކަމަކު މަންމާ، ނޭގުނީމަވެސް ކިސްވާގެ ހިތަށް، ވަރަށް ތަދުވޭ.." ކުޑަކުޑަ ދަރިއެއްގެ ރިހުމުގެ ވާހަކަ އަޑުއަހަން މައިލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟ 

އަމާރާގެ ހިތުގެ ހާލަތު މިވަގުތު ބަޔާން ކުރުމަކީ، ދުލަކަށް ނުވަތަ ގަލަމަކަށް ކުޅަދާނަކަމަކަށް ނުވާނެ އެވެ.

ކުޑަކުޑަ ދަރިފުޅުގެ ބޮލުގެ އިސްތަށިގަނޑު ތެރޭގައި އޭނާގެ މޫނު ފޮރުވާލީ ކެތް ނުވެގެންނެވެ. ކަރުނަ ހުސްވަންދެން މިވަގުތު ރޯލަން ބޭނުމެވެ. ތުނިތުނި ބިއްލޫރި ކޮޅަކަށް ސަމާލުވާނެ ފަދައިން، ކުޑަކުޑަ ކިސްވާއަށް އަމާރާ ސަމާލުވި އެވެ.

"މަންމާ ކޮންމެވެސް ދުވަހަކުން، ބައްޕަގެ ހުރިހައި ވާހަކައެއް ކިސްވާއަށް ކިޔައިދޭނެކަމަށް ޕްރޮމިސްކުރޭ.." މަންމަގެ ބުރަކަށީގައި ފިރުމާލަމުން ކިސްވާ ބުންޏެވެ.

"އައި ޕްރޮމިސް، މައި ލިޓްލް ސްޓާރ.. އިން ޝާ ﷲ ވަރަށް އަވަހަށް.. އެކަމަށް އެންމެ ރަގަޅު ވަގުތުގައި.." އަމާރާގެ ލޮލުން ވިދާލި ހޫނު ކަރުނަ، އެސްފިޔަތަކުގެ ތެރޭގައި ތާށިކޮށްލި އެވެ. 

ދަރިފުޅުގެ އެ އުއްމީދު ހާސިލްކޮށްދިނުން އަމާރާއަށް ވާޖިބެވެ. ނަމަވެސް އޭނާގެ ހިތާއި ނަފުސު އެކަމަށް ދުވަހަކުވެސް ތައްޔާރު ކުރެވިދާނެކަމުގެ ކުޑަވެސް ޔަގީންކަމެއް ނެތެވެ. ލިބުނު ހިތްދަތިކަމާއި މާޔޫސްކަމުގައި އަމާރާގެ ހިތް ކުދިކުދިވެ ފުނޑުފުނޑުވެގެން ދިޔައީ އެފަދަ ކިތަންމެ ފަހަރެއް ފަދައިންނެވެ. 

.....................

ދުރުދުރުން ފެންނަމުންދިޔަ ކުދިބޮޑެތި ވާދީތަކާއި ގަސްތަކަށް އެޅިފައިވަނީ ރަންރީންދޫ ކުލައިގެ ނަލަނަލަ އަލިކަމެވެ. ކިސްވާގެ އަތުގައި ހިފާލައިގެން، އެ ދަރިފުޅުގެ ކެއަރޓޭކަރ ސަބާ ހިނގާލާފައި އެ އަންނަނީ ރައްކާތެރިކަން ޔަގީންކުރަމުން، މަގުގެ އެއްފަ ރާތުންނެވެ. އަމާރާ ހޮސްޕިޓަލަށް ދަމުން، ކިސްވާގެ އެންމެ މަގުބޫލް ރެސްޓޯރެންޓަށް ގުޅައިލާ ކޮންމެ އަގުތެއްގައި، އެ ދަރިފުޅު އެތަނަށް ގެނައުމުގެ ހުއްދަ އޮންނަނީ ލިބިފަ އެވެ. 

ރެސްޓޯރެންޓުގެ ވެރިފަރާތުގެ އާއިލީ އިމަރޖެންސީއެއް ދިމާވާ ކޮންމެ ވަގުތެއްގައި އަމާރާގެ ފަރާތުން ލިބެމުންދާ، ސިއްހީ ރައްކާތެރިކަމަކީ އެދެމެދުގައި 'އާއިލީ ގުޅުން' ހަރުދަނާ ވުމަށް ލިބުނު ބޮޑު ބާރެކެވެ.

'ބައްޕައަކާއި ނުލައި' ދަރިޔަކު ބަލަމުން، ދުނިޔޭގެ އެންމެ ބުރަ ވަޒީފާގެ ޒިންމާ އަދާކުރަމުންދާ 'އެކަނިވެރި' މަޔަކަށް ދެވޭނެ އެންމެ ފުރިހަމަ އިތުބާރު 'މިސްޓަރ ރާތޯޑް އެންޑް ފެމިލީ'ގެ ފަރާތުން އަމާރާއަށް ލިބެ އެވެ. 

ބޮޑު މުސާރަ ދީފައި ކެއަރޓޭކަރއެއް ހޯދާފައި ހުއްޓަސް، މިފަދަ ވަގުތުތަކުގައި ނޫނީ ކިސްވާގެ ބޭނުންތަކަށް، އޭނާއަށް އަމާރާ ނުގުޅާނެ އެވެ. މާމަ ނުވަތަ ބޮޑުބެގެ އެއީތެރިކަން ލިބެން އޮތް ކޮންމެ ވަގުތެއްގައި އަމާރާ އިސްކުރާނީ އާއިލީ ލޯތްބާއި އެ މާތް ގުޅުމެވެ.

ސަބާއަކީ އޯގާތެރި، މަޑުމައިތިރި އަހްލާގެއްގެ އަންހެނެކެވެ. ކިތަންމެ އިތުބާރެއް ސަބާއަށް އޮތަސް، އަމިއްލަ ނަފުސުގެ ރައްކާތެރިކަމުގެ ހުރިހައި ހުނަރެއް އަމާރާ ވަނީ، އޭނާގެ ކުޑަކުޑަ ދަރިފުޅަށް ދަސްކޮށްދީފަ އެވެ.

ކިސްވާއާއި ދުރުގައި ހަފްތާއެއްހައި ދުވަސް ހޭދަކުރުމަށްފަހު ސަބާ މިއަދު އައީ ފަތިހުގެ ވަގުތުގައި ތެދުވެ، ނަމާދުކުރުމަށްފަހު އަލުން ނިދުމަށް ކިސްވާ އިންކާރު ކުރުމުންނެވެ. މާމަ ގާތުގައި ގޭގަ ހުންނާންވެސް ކިސްވާ މިއަދު ބޭނުމެއް ނުވި އެވެ. އަމާރާއަށް ޖެހުނީ ކިސްވާގެ ހުށަހެޅުމަށް ތަބާވާށެވެ.

'ޑެސްޓިނީ ރެސްޓޯރެންޓް' ނޫން އެހެން އެއްވެސް މަންޒިލެއް ކިސްވާގެ ސިކުނޑިގައި މިއަދު ނުވެ އެވެ. އުފާވެރިކަމާއި ހިނިތުންވުމުން އެހެން މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށް ކުޅަދާނަ، ކުޑަކުޑަ އެދަރިފުޅުގެ ހިނިތުންވުން ގެއްލުނުތާ ދެތިންދުވަސް ފާއިތުވެއްޖެ އެވެ.

ސަބަބެއް ނޭގެ އެވެ. އެތަށް ސުވާލެއް ކުރުމުންވެސް، އެކަމާއިމެދު ކިސްވާ އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަމާރާގެ އިތުރުން މާމައާއި ބޮޑުބެ ވެސް ނިންމީ، ކިސްވާގެ 'މޫޑީ' ވުމުގެ އަސްލަކީ ކުރީ ދުވަހު ސްކޫލްގައި ހިނގާދިޔަ ހާދިސާކަމަށެވެ. 

ވާހަކަދައްކައިގެން ކިސްވާގެ ވިސްނުން ބަދަލުކުރެވޭތޯ ތިން މީހުން ނުހަނު މަސައްކަތް ކޮށްފި އެވެ. ލިބުނު ކުރިއެރުމެއް ނެތެވެ. 

އެކަކަށްވެސް ނޭގުނު ހަގީގަތަކީ، ގުދުރަތުގެ ނިޔާގައި ކުރެހިފައިވާ ތަސްވީރުގެ ކުލަމަންޒަރެވެ. މުޅިން އައު 'ފިއްސަކުން' ކިސްވާގެ ހަޔާތުގައި ކުލަޖެހެން ފެށިކަމެވެ. 

އަބަދު ހިނިތުންވެފައި ހުންނަ މައުސޫމް މޫނުގައި މާޔޫސްކަމުގެ ކުލަޖެހިފައވާ މަންޒަރު ބެލުމަކީ، ސަބާއަށް ފަސޭހަކަމަކަށް ނުވި އެވެ. އެތަށް ވާހަކަ ދެއްކުމުންވެސް އެއް އިބާރާތުން، ލިބޭ ޖަވާބު ނުވަތަ ބޮލާއި ކޮނޑުގެ ހަރަކާތުން ލިބެމުންދިޔަ ޖަވާބުތަށް ސަބާގެ ނުތަވަސްކަން ހަލަބޮލިކުރަމުންދިޔަ އެވެ.

ކިސްވާގެ އެންމެ ފޭވަރިޓް ޕޭންކޭކް އަދި ވެނީލާ އައިސްކްރީމާއި މޭޕްލް ސިރަޕް ގެނެސް، ކިސްވާގެ ކުރިމަތީގައި ބަހަށްޓާލި އެވެ.  އާދައިގެ މަތީން އެދަރިފުޅުގެ އެންމެ އުފާވެރި ރާގުގައި ހިނިތުންވުމާއި އެ އުފާވެރި މިޒާޖު ހިންދުކޮޅެއްގެ ތެރޭގައި އެނބުރި އަންނާނެކަމަށް ސަބާ ޔަގީންކޮށްފަ އެވެ.

އެވަގުތު ކިސްވާގެ ހިދުމަތަށް ޑިއުޓީއަށް ނިކުތް ދެ މުވައްޒަފުންނާއެކު ކިސްވާ ހަމަޔަކަށް އަޅުވައިލުމަށް، ސަބާއަށް ކުރެވެން ހުރި ހުރިހައިކަމެއް ކުރި އެވެ. ނަމަވެސް ހިނިތުންވުމަކީ މިވަގުތު ލޯބިލޯބި ކިސްވާއާއި ރުޅިއެއްޗަކަށް ވެއްޖެ އެވެ. 

ދާދި ގާތުގައި ބޮނޑިވެލައިގެން އޮތް ސްނޯ ބޯލް ކުއްލިޔަކަށް ތެދުވެ، ރެސްޓޯރެންޓްގެ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ކިސްވާ ދޫކޮށް، ސްނޯ ބޯލް އެހައި ބާރަށް ދުވެފައި ދިއުމުން ކިސްވާއަށް ލިބުނީ ހައިރާންކަމެވެ. ނަމަވެސް އޭގެ ފަހަތުން ދާނެ ހިތްވަރެއް މިއަދު ކިސްވާގެ ނެތެވެ. މޭޒުގައި އަތް ބާއްވައިލައިގެން އޭނާގެ އަތްމަތިގައި ބޯ އަޅައިލައިގެން ކިސްވާ އޮތީ، ކޮންމެވެސް ފުން ހިޔާލެއްގެ ތެރޭގަ އެވެ. ނުވަތަ 'ސިއްރު އިންތިޒާރަށް' ނިމުމެއް އަންނާނެ ކަމުގެ އުއްމީދުގަ އެވެ.

ނިގޫ ތަޅުވަން ރެސްޓޯރެންޓްގެ މައި ކައުންޓަރުކައިރީގައި ކިސްވާގެ ބުޅާ އިނދެފައި ދޮރާއި ދިމާއަށް މިސްރާބުޖެހީ ހަލުވި ކަމާއެކު އެވެ.

ހަމަ އެވަގުތު ރެސްޓޯރެންޓުގެ ދޮރު ހުޅުވާލާފައި އެތެރެއަށް އެ ވަނީ ކަޅު ކުލައިގެ ހޫޑީއެއް ލައިގެން، ލޮލުގައި ކަޅު އަވިއައިނު އަޅައިގެން ބޮލުގައިވެސް ކަޅު ތޮތްޕެއް އަޅައިގެން ހުރި ޒުވާނެކެވެ. އޭނާގެ ފައިބުޑަށް ޖެހިލާފައި 'މިއައުއއއ' ގޮވަން ފެށި ރާގަކީ މާޔޫސީ ހިތެއްގެ ތަސައްލީއަކަށް ފުދޭނެ ފަރުވާއެކެވެ.

"ގުޑް މޯނިންގ ސްވީޓްހާޓް" އިވުނު އަޑާއެކު ކުއްލިޔަކަށް ކިސްވާގެ ދެ ލޯ ހުޅުވާލި އެވެ. އޭނާއަށް ފެނުނީ ހުވަފެނެއްކަމަށް ހީކޮށް ދެފަހަރަކު ދެ ލޯ ފުހެލި އެވެ. ސްނޯ ބޯލް އުރާލައިގެން ދާދި ގާތުގައި ހުރީ ކިސްވާގެ މާޔޫސްކަމުގެ ފަރުވާ އެވެ. އޭނާގެ އުއްމީދުތަކުގެ ހަގީގީކުލައަކީ ކުރިމަތީގައި ހުރި އިންސާނާ އެވެ. 

"ފޭކް ޕާޕާ..!!" އިށީންދެ އިން ގޮނޑިން ކުއްލިޔަކަށް މުންމާލައިގެން ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ކިސްވާ ފުންމާލީ ޝައްޔާންގެ އަތު ތެރެއަށެވެ. 

ކިސްވާއަށް ފުރުސަތު ދެމުން ޝައްޔާންގެ އަތުތެރެއިން ސްނޯ ބޯލް ދެމިގަތީ، ޝައްޔާންގެ ބޫޓުގައި ބޯ އަޅައިލުމަށެވެ.

"އަނެއްކާވެސް މިއޮއް ދިމާވީ..؟ ސީރިއަސްލީ، ފޭން ޕާޕާ..؟" ޝައްޔާން ކުރަން އުޅުނީ ސުވާލެއް ނޫނެވެ. ނަމަވެސް އިބާރާތް ބޭރުވީ ސުވާލެއްގެ ސިފައިގަ އެވެ. ކުރިއަށްވުރެން ބާރަށް ޝައްޔާންގެ ކަނދުރާގައި ކިސްވާ ބައްދާލި އެވެ. ބުނެދޭން ނޭގޭ ހަމަޖެހުމަކުން ދެ ހިތަށް ލިބެމުން ދިޔައީ އަމާންކަމެވެ.

"ހީކުރީ އަހަރުމެން ދެމީހުންގެ ކަންކަން، ކިސްވާ ސިއްރުކޮށްދޭނެ ކަމަށް.." ކިސްވާގެ ނިއްކުރީގައި މަޑުމަޑުން ބޮސްދެމުން ޝައްޔާން ބުނެލި އެވެ.

"އައި ޑިޑް..!" ޝައްޔާންގެ ކަންފަތް ދޮށުގައި ކިސްވާ މަޑުމަޑުން ބުނެލި އެވެ.

"ސްނޯ ބޯލް ކައިރީގައިވެސް ނުބުނަން..، އެކަމަކު އަސްލު ސްނޯ ބޯލް ވެސް ވަރަށް ސީކްރެޓް ސޭފް ކޮށްދޭނެ.." ޝައްޔާން ކަންފަތް ބުޑުގައި ސިއްރުސިއްރުން ކިސްވާ ބުނެލި އެވެ.

ޗޮކެއް ކަނޑާލާފައި އަނެއްކާވެސް ޝައްޔާންގެ ދެ އަތުގެ ތެރޭގައި ކިސްވާ ބޮނޑިކޮށްލި އެވެ. 

"ޔޫ ލުކް ސޭޑް، ލިޓްލް ޕްރިންސެސް.. ކިހިނެއްވީ؟" ޔަގީންކޮށްފައި ޝައްޔާން ސުވާލުކުރީ ކިސްވާގެ މޫނުމަތީން ފެނުނު ހުރިހައި ހަގީގަތެއް އެނގިގެންނެވެ. 

ސުވާލުގެ ފަހު އަކުރާއި ހަމައަށް ދިޔައިރު، ކިސްވާގެ މޫނު، އަނެއް ފަރާތަށް އަނބުރާލައިފި އެވެ. ހިންދިރުވާލިކަން އެނގުނީ، އެއަޑުވެސް ޝައްޔާންއަށް ސިއްރު ނުވީތީ އެވެ.

"ކިސްވާގެ ހުރިހައި ފްރެންޑްސް މަލާމާތްކުރަނީ.. މިހާރު ސްކޫލަށް ދާހިތެއްވެސް ނުވޭ.. ހުރިހާ ކުދިންގެ ބައްޕަ ހުރޭ.. އެކަމަކު ކިސްވާގެ ހުންނަނީ މަންމަ އެކަނި.." ރަތްވެފައިވާ ދެ ލޮލަށް ބަލަން ޝައްޔާންއަށް ފަސޭހައެއް ނުވި އެވެ. ކިސްވާ ގޮވައިގެން ގޮނޑީގައި އިށީންދެފައި އޭނާގެ އުނގުގައި ބައިންދާލި އެވެ.

ހިތުގައި ހިނގަމުންދިޔަ ބާރު އޮއެވަރު މައިތިރިކުރެވޭނެ ގޮތެއް ނެތަސް އެވަގުތަށް ކިސްވާ ހަމަޔަކަށް އަޅުވާލުން ޝައްޔާންއަށް ވަރަށް މުހިއްމެވެ.

"ބުނަންތަ ސްވީޓް ހާޓް..؟"ނުހަނު ލޯތްބާއި އޯގާތެރިކަމާއެކު ޝައްޔާން ވާހަކަ ދެއްކި އެވެ.

"މިހައި މޮޅު، ވަރަށް މަޝްހޫރު ސްޕާސްޓާއަކަށް ވެސް ވަރަށް ގިނަ މީހުން މަލާމާތްކުރޭ.. އެއްބަޔަކު ވަރަށް ހިތްހަމަޖެހޭ.. އަނެއް ބަޔަކު، އަބަދު މަސައްކަތްކުރަނީ މި ސްޕާސްޓާރ، ދެރަކޮށްލެވޭތޯ! ނޫނީ ކޮންމެވެސް ގޮތަކުން ސްޕާސްޓާރއާއި ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރަން! އެކަމަކު، އަހަރުމެން ދެމީހުން ވެގެން ހިނގާ އެކަހަލަ އެންމެން ކިޔާ އެއްވެސް އެއްޗަކުން، އެއްވެސް އަސަރެއް އަހަރުމެންނަށް ނުކުރާކަން ދައްކާލަން.. ދޯ؟ އަހަރުމެން ދެމީހުންވެސް ވަރަށް ވަރަށް ސްޕެޝަލް.. ކިސްވާގެ ވަރަށް ގާތުގައި ހުރީ މުޅި ވޯލްޑްގެ އެންމެ ބެސްޓް މަންމަ.. ސްޕާސްޓަރގެ އެންމެ ލޯބިވާ، އެންމެ މުހިއްމު މީހާ ވީ ތަނެއްވެސް ނޭގޭ.. އެހެންވީމާ، މީހަކު ހުރެ އެމީހަކު ނުލިބުމާއި އެންމެ ލޯބިވާ މީހާ ހުރި ތަނެއް ނޭނގުން، ހަމަ ސޭމް ސޭމް ދޯ..!" ޝައްޔާންގެ ވާހަކަ ކިސްވާއަށް ވަރަށް ކަމުދިޔަ އެވެ. އެސްފިޔައެއްވެސް ޖަހައިނުލައި ބަލަމުންދިޔައީ ޝައްޔާންގެ މޫނަށެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް