ސޯޝަލް މީޑިއާގައި މި ފޮޓޯތައް އާންމުވުމާ އެކު، ދީޕިކާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އޭނާގެ ސަޕޯޓަރުންނާއި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މުމްބާއީގެ ހޮސްޕިޓަލެއްގެ ތެރެއިން ދީޕިކާ ފެނިފައި ވަނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް މަޝްހޫރު ތަރިން ހޮސްޕިޓަލްތަކަށް ދިއުމަކީ އަބަދުވެސް މީޑިއާތަކުގެ ސަމާލުކަން ލިބޭ ކަމަކަށް ވާތީ، މިކަމާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެން ފެށިއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދީޕިކާއަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވީތޯ ސުވާލު އުފައްދައި، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ.
މިކަމާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކަށް ނިމުމެއް ގެނައުމުގެ ގޮތުން ދީޕިކާގެ ޓީމުން ވަނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. ދީޕިކާގެ ޓީމުން ބުނީ އޭނާ ހޮސްޕިޓަލަށް ދިޔައީ އާދައިގެ މަތިން ހަދާ "ރުޓިން ހެލްތް ޗެކަޕް" އަކަށް ކަމަށެވެ. އަދި އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި، ހޮސްޕިޓަލަށް ދިއުމަކީ ހަމައެކަނި ސިއްހީ ކަންކަން ބެލުމަށް ކުރި ޒިޔާރަތެއް ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.
ދީޕިކާއަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ތަރި ކަމަށްވާއިރު، އޭނާގެ ކޮންމެ ހަރަކާތަކަށް ފޭނުން އަބަދުވެސް ފާރަވެރިވެއެވެ. އޭނާގެ ޓީމުން ދިން މި ޔަގީންކަމާ އެކު، އޭނާގެ ސަޕޯޓަރުންނަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. ދީޕިކާ މިހާރު ވެސް އަންނަނީ އޭނާގެ ފިލްމީ މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ބުރަކޮށް ހަރަކާތްތެރިވަމުންނެވެ.