މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން، އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ގާއިމްކުރުމުގެ މަސައްކަތަށް 81.2 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ހިތަދޫގައި ކުރިއަށްދާ އިތުރު މަޝްރޫއުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގައި ހަތަރު ވޯޑާއި ޕަބްލިކް ހެލްތު ޔުނިޓާއި ލެބޯޓްރީ ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެއީ އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.