މި މައްސަލާގައި ދައުވާކޮށްފައިވަނީ ގޯއްޗާއި ފްލެޓް ދޭން މިިދިޔަ ސަރުކާރުން އުފެއްދި ކޮމިޓީގައި އިސްކޮށް ތިއްބެވި ހަތަރު ބޭފުޅަކަށެވެ.
ދައުވާ އުފުލި މީހުން
މި ހަތަރު ބޭފުޅުންގެ މައްޗަށްވެސް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް މި ހަތަރު ބޭފުޅުންވެސް މިއަދު ވަނީ އިންކާރުކުރައްވާފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަނުވާ ވަކި ފޯމެއް ޝަރުތު ހަމަކުރުމަށް، އަކްރަމް ބައެއް ބޭފުޅުންނަށް އަކަރްމް އަންގަވާފައިވާކަމަށެވެ. އަދި އެކަން ކުރުމަށް އަކްރަމް އެ ބޭފުޅުންނަށް ކުރައްވާފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށައަޅާފައެވެ.
މީގެއިތުރުން ޝަރުތު ހަމަކުރުމަށް އަކްރަމް ބައެއް ބޭފުޅުންނަށް އެކްސެލް ޝީޓެއް ފޮނުއްވިކަމަށެވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ފުރަތަމަ ޝަރުތު ހަމުނުވާ ކަމަށް ހުރި އެކި ފޯމުތަކުގެ ސްޓޭޓަސް ޝަރުތު ހަމަވާކަމަށް ބަދަލުކޮށްފައިވާކަމަށާއި އެ ބަދަލުތައް ގެނައީ ކޮން ބައެއްގެ އެކައުންޓުންކަން އެނގެން އެބައޮތްކަމަށްވެސް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.
ދައުވާއަށް ޖަވާބުދާރީވުމަށާއި ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށައަޅަން ކޯޓުން ވަނީ މިއަދު ދައުވާ ލިބޭ ފަރާތްތަކަށް ވަގުތު ދީފައެވެ. އެގޮތުން ދިފާއީ ހެކި ހުށަހަޅަން ކޯޓުން ދިނީ 10 ދުވަހެވެ. އެހެންކަމުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން ދައުވާ ލިބޭ ފަަރާތްތަކުން ދިފާއި ހެކިން ހުށައަޅަން ޖެހޭނެެއެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން ހުށައެޅުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.
ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަކަމަށް އޭސީސީން ވަނީ ބުނެފައެވެ.