ރައީސް މުއިއްޒު ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އަބްދުލްރަހީމް ވިދާޅުވީ އެއް ފަހަރާ މިހާ ބޮޑެތި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ފޮނަދޫގައި މީގެކުރިން ފެށިގެން ގޮސްފައި ނުވާ ކަމަށާއި މި ސަރުކާރަށް ދެ އަހަރު ފުރެންދާއިރު ތަރައްގީގެ މަޝްރޫއުތައް މެކުހަށް ޖަހާފައިވާ ކަމަށެވެ.
މަޝްރޫއުތައް ލަސްވުމަކީ ކަންބޮޑުވުން އަދި ހިތްހަމަނުޖެހުން އޮތް ކަމެއް ނޫން ކަމަށާއި ސަބަބަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތް ހާލަތު ވަޒަންކުރެވޭތީ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ. އަދި ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެ، މި ވެރިކަން ނިމެނޭ ކަމަށް އަތްޖަހަން ތައްޔާރަށް ކަމަށާއި ނަމަވެސް ރައީސް ގެންދަވަނީ ކަމަކަށް ފަހު ކަމަކަށް އިސްކަންދީގެން ކަންކަން ތަރުތީބު ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިހާ މޫސުން ގޯސްއިރު ވެސް ރައީސް ރައްޔިތުން ކައިރިއަށް ރަށްތަކަށް ވަޑައިގަންނަވާތީ، އެ މަނިކުފާނު ހުންނެވީ ސާބިތުކަމާ އެކީގައި ކަން އެނގޭ ކަމަށެވެ. އަދި ރަށްތަކަށް ވަޑައިގެން ހަމައެކަނި ޕޯޑިއަމްއެއްގައި ރައީސް ވާހަކަދައްކާވާފައި ނިންމަވާލައްވަނީ ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ރައީސް ގެންދަވަނީ، ރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާއި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި، ބޭނުންވާ ކަންކަން ހޯއްދަވައި ޖަވާބުދެއްވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި 2023ގައި އެ މަނިކުފާނު ވެރިކަމަށް ހޮވީ ވެސް އެގޮތަށް ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުން އެނގެނީ، ގައުމަށް ހިދުމަތް ކުރުމުގެ ޖޯޝާއި ރޫހު ރައީސްގެ ހިތްފުޅުގައި އޮތް މިންވަރު ކަމަށް ވެސް ވިދާޅުވި އެވެ.