އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ލ.މާބައިދޫ ހަވީރީމަންޒިލް، އަހުމަދު މައުސޫމް އަދި ރ. ހުޅުދުއްފާރު އިލާޒާ، މުހައްމަދު ޒާހިދުއެވެ.
މި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ރޭ އެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުހައްމަދުއެވެ.
ފެމެލީ ކޯޓުގެ ގާޒީކަމަށް އައްޔަންކުރެއްވި އަހުމަދު މައުސޫމް އެކޯޓާއި ގުޅިަވޑައިގަތީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ގައެވެ. މިހާތަނަށް ފެމެލީ ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމު އަދާކުރައްވަމުން ގެންދެވި އަހުމަދު މައުސޫމް ވަނީ އަލް އަޒްހަރު ޔުނިވާސިޓީ އިން ބެޗެލާ އޮފް އާޓްސް އިން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން ބެޗެލާސް އޮފް ޝަރީއާ ވިތް އޮނާސް އަދި ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސާޓިފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ޝަރީއާ ހާސިލް ކުރައްވާފައެވެ.
މުހައްމަދު ޒާހިދުއަކީ އަލް އަޒްހަރު ޔުނިވާސިޓީއިން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ފޮލިސީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑެޕިއުޓީ ސްޓޭޓް އެޓާނީ އެއްގެ ގޮތުގައި 2011 ޖޫން 22 އިން 2013 އޮގަސްޓް 14 އަށް އަދި ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އޮގަސްޓް 11 އިން 2018 ނޮވެންބަރު 17 އަށް އެޓަނީ ޖެނެރަލް އޮފީހުގައި ޒާހިދު ވަނީ މަސައްކަތް ކުރައްވާފައެވެ.
ޒާހިދުވަނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާރިޗު 08 އަށް ފަނޑިޔާރުކަން ކުރައްވާފައެވެ. މީގެ އިތުރުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 6 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.