ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލުގައި އެސްއީޒެޑް ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކުގެ ބާވަތްތަކަށް ގެންނަ ބަދަލެވެ.
ޝުޖާއު ހުށަހެޅުއްވީ އެސްއީޒެޑު ގާނޫނަށް "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރަންޏާ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެ އެވެ.
އަދި، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށް، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ހިމަނާފައި ވެއެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖްކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް ބިލްގައިވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ ކޮން ބާވަތްތަކެއްގެ މަސައްކަތްތަކެއް ހިންގާ ސަރަހައްދުތަކެއް ކަން ކަނޑައަޅަން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮތްގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ އަށް ބާވަތެއްގެ އެސްޓެބްލިޝްމެންޓް ތަކެވެ.
ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާގެ (ވ) ގެ ގޮތުގައި "ސަސްޓެއިނަބްލް ޓައުންޝިޕް" ހިމެނުމަށެވެ. އެފަދަ ޓައުންޝިޕް އުފެއްދުމުގެ ގިނަ ޝަރުތަކެއް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު ޝަރުތަކަށް އެ ބިލުގައި އޮތީ ޓައުންޝިޕް އުފައްދަން އިންވެސްޓްކުރަން ޖެހޭ ފައިސާގެ އަދަދެވެ.
ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓަކީ މީގެ ކުރިން އެސްއީޒެޑުތަކުގައި ހިންގޭ މަޝްރޫއުއެއް ނޫނެވެ. މީގެ ކުރިން، 1 ޖެނުއަރީ 2023، ގައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑުތަކުގައި ހިންގޭނެ ކަމަށް ކަނޑައަޅާފައި އޮތީ ނުވަ ބާވަތެއްގެ މަޝްރޫއުތަކެވެ. އެސްއީޒެޑެއްގައި އޭގެތެރެއިން ވެސް ހިންގެނީ ޖުމުލަ އިންވެސްޓުމެންޓު 100 މިލިއަން ޑޮލަރަށްވުރެ މަތި މަޝްރޫއުތަކެވެ.