ޑޮލަރު ލިބުން ދަތިކަމަށް ބުނެ އެސްބީއައި އިން ދާދިފަހުން ފަހުން ވަނީ އެ ބޭންކު މެދުވެރިކޮށް ފޮނުވޭ ޑޮލަރުގެ ލިމިޓް 150 ޑޮލަރަށް ދަށްކޮށްފަ އެވެ. އެ އަދަދު އެންމެ ފުރަތަމަ ހުރީ 700 ޑޮލަރުގައެވެ. ފަހުން އެ އަދަދު 400 ޑޮލަރަށްވެސް ދަށްކުރިއެވެ.
ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ކަނޑައަޅާފައިވާ ރޭޓް ދަށްކުރުމުން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ޝަކުވާތައް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހުށައަޅާފައެވެ.
ރާއްޖޭގައި 2000 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތްކުރާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އިންޑިއާ މީހުންނެވެ.
ރެމިޓަންސް ރޭޓް ދަށްކުރުމުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ ތެރެއިން ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ބުނެފައެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފްކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަކަމަށްވެސް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.