މި ރަސްމީޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު،ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ގަމު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދު ﷲ މުއްތަލިބާއި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން، ފަޅު އަދި ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 151 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 145 މީޓަރުގެ ނެރު ބޭރުތޮއްޓެއް ލުމާއި، 50.23 މީޓަރުގެ މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެ އެެވެ.
މި މަޝްރޫޢަކީ 34.60 މިލިއަން ރުފިޔާއަށް 525 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ހާމަ ކުރެ އެވެ.
5625 މީހުންގެ އާބާދީއެއް ދިރިއުޅޭ ގަމަކީ މަސްވެރި ރަށެކެވެ.
ގަމުގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން މަސްވެރިން ދަނީ ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުންނެވެ.
ނަމަވެސް، މިއަދު ސޮއިކުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ