ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ސިޔާސީ ކުލަ ޖައްސާ، މިސްކިތް ހުޅުވަން ރަސްމިއްޔާތެއް ނުބާއްވާނަން: ޝަހީމް
ސިޔާސީ 'ކުލަ ޖައްސައިގެން' މިސްކިތްތައް ހުޅުވަން މާ ބޮޑެތި ރަސްމިއްޔާތުތައް ނުބާއްވާނެކަމަށްް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ކުރެއްވި ސުވާލެއްގައި ވިދާޅުވީ އަންނަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި  މަރަދޫގައި އިމާރާތްކުރާ މިސްކިތް ހުޅުވާނެތޯ ސުވާލު އުފައްދަވާފައިއެވެ. 

"ރިބަން ކެނޑުމުގެ ވަރަށް ޝައުގުވެރިކަން ހުންނަވާ ރައީސެއް އަޅުގަނޑުމެންގެ ހުރީ،" މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ހާލު ބެއްލެވުމަށްކަމަށާއި ތަންތަން ހުޅުއްވައިދެއްވަން ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަރަދޫގައި ހަދަމުން އަންނަ މިސްކިތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. 

"އެހެންވީމާ މިސްކިތުގެ ދެން ކުރަންޖެހޭ ކަންކަން ކުރުމުގައި އިރާދަކުރެއްވިއްޔާ އެ ރަށުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން މި ދަނީ ކުރަމުން. އެ ތަނަށް ބޭނުންވާ އެހެން ކަންކަން ފުރިހަމަކުރުމަށްޓަކައި. އެހެންވީމާ ވަރަށް އަވަހަށް އެތަން ރަސްމީކޮށް ހުޅުވާނެ،" އޭނާ ވިދާޅުވިއެވެ.

އެއާއި އެކު މިނިސްޓަރު ޝަހީމް ވިދާޅުވީ ޝަހީމް މިސްކިތްތައް ހުޅުވަން މާ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި މިސްކިތްތަކަކީ އަޅުކަން ކުރަން ގާއިމުކުރާ ބިނާއެއް ކަމަށާއި އެއީ ރޫހާނީ މަރުކަޒުތަކެއް ކަމުން އެ ތަންތަން ހުޅުވަން މާ ބޮޑު ރަސްމިއްޔާތުތަކެއް ބޭއްވުމަކީ ކުރަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެ ތަންތަން ހުޅުވުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ވަރަށް މާތް ގޮތަކަށް. އެހެންވީމާ އެ މަގުން އެކަންކަން ކުރިއަށް ދާނީ. މާ ސިޔާސީ ކުލަ ޖައްސައިގެން އެކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް،" އޭނާ ވިދާޅުވިއެވެ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އަންނަ އަހަރު ގިނަ މިސްކިތްތަކެއް ހުޅުވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް