މި މީހުންނަކީ މިއީ މިދިޔަ ރޯދަ މަހު މާލެ އާއި ހުޅުމާލޭގައި ސަލާމަތީ ބާރުތައް ގުޅިގެން ހިންގި ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނެވެ. މި މީހުން ހައްޔަރުކުރީ މާލެ އާއި މާލެ ކައިރި ރަށަކަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވިކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެންނެވެ.
ދައުވާ އުފުލި މީހުން
ސައުސަން ރަޝީދު، ހިތަށްފިިނިވާގެ/ ގދ. ނަޑެއްލާ
އަބްދުﷲ ހުވައިރިސް ބިން މުހައްމަދު، މ. އެޗީވް
އިބްރާހީމް ވިސާމް، ފިނިފެންމާގެ/ ސ. މަރަދޫ
މި މީހުންނަށް އުފުލި ދައުވާގައި ބުނެފައިވަނީ މި މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބަޔެއް ކަމަށެވެ.
މި މައްސަލާފައި ހިމެނޭ ސައުސަން ރަޝީދުގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ތަނުން ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލާގައި ހިމެނޭ ހުވައިސްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. ޢެގެތެރެއިން ފުރަތަމަ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ދެން އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ތިންވަނަ ދައުވާއަކީ ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާއެެ. އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި މައްސަލާގައި ދައުވާ އުފުލި ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.