ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކުރި ގޮތުގައި އިންފަންޓީނޯ މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގައި ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އެފްއޭއެމުން ބުނީ މި ދަތުރުގައި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މި މެޗުގައި ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު 4-6 އަށް ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.
ނަވާރަ އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ދަތުރެއް ކުރާއިރު، އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކައް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފަ އެވެ.
އެއް ދުވަހުގެ މި ދަތުރަށް ފަހު އިންފަންޓީނޯ މާދަމާ ރޭ ރާއްޖޭން ފުރާވަޑައިގަންނަވާނެ އެވެ.
މީގެ ކުރީން 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފަ އެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން، އޭނާ ދެ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރެކެވެ.
އެ ފަހަރު ބްލެޓާ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.