ads
ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒިފުން
ވޯކްޝޮޕެއްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ ޓީމެއް މެލޭޝިއާއަށް
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޖުމްލަ 11 މުވައްޒަފުން، މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމްގެ، އަމަލީ ބައިގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފި ކަމަށް ޒަކާތް ހައުސްއިން ބުނެފި އެވެ.
Advertisement

2024 ވަނަ އަހަރު އާންމުކޮށްފައިވާ، ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތަކުގެ ދެވަނަ ބައިގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒަކާތްނަގައި ޒަކާތްބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅައިފައިވާ މީހުންނަކީ، ޒަކާތުގެ ހުކުމްތައް ދަންނަ، ޝަރުއީ ގޮތުން ޒަކާތުގެ އާމިލަކަށް ކޮންމެހެން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކަށް ވާންޖެހެ އެވެ.

މި ތަމްރީނަކީ ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ޕީ.ސީ.އައި.އެފް ކޯސް މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ޒަކާތުގެ ނިޒާމު ތަރައްޤީކުރުމާއި، ޒަކާތު މެނޭޖްމަންޓް އޮނިގަނޑުތަކާއި، ޒަކާތުގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ ސްޓްރެޓެޖީތައް ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.

މި ކޯހުގައި ބައިވެރިންނަށް ހަމައެކަނި ތިއަރެޓިކަލް މައުލޫމާތު ލިބިދިނުމުގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަން ހިންގުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް ތަޖުރިބާ ހޯދުމުގެ ގޮތުން މެލޭޝިއާގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުންވެސް ވަނީ ހިމެނިފަ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޒަކާތު ހައުސްއިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް