އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުއިއްޒާއާ ބައްދަލުކުރެއްވުމަށްފަހު ވަނީ އެމަނިކުފާނާއެކު މިއަދު ހަވީރު ފުޓުބޯޅަ މެޗެއް ކުޅުއްވާފައެވެ.
ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ރަޝިއާއިން ޔުކްރޭނަށް އަރައިގަތްތާ އެންމެ ފަސް ދުވަސް ތެރޭ ފީފާއިން އެ ގައުމުގެ ގައުމީ ޓީމު ސަސްޕެންޑުކުރި ކަމަށެވެ. ނަމަވެސް، އިޒުރޭލުން ގައްޒާގައި ގަތުލުއާންމެއް ހިންގައި، ފަލަސްތީނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު އެތައް ހާސް ބަޔަކު ޝަހީދުކޮށްފައިވާއިރު، އެ ގައުމު ސަސްޕެންޑުކުރުމަށް މުޅި ދުނިޔެއިން ގޮވާތާ ދެ އަހަރު ވެގެން ދިޔައިރުވެސް ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.
"އިޒުރޭލު ސަސްޕެންޑުކުރުމަށް ފީފާއިން ފާޅުގައި ދެކޮޅު ހަދަމުން ދަނިކޮށް، ފީފާގެ ރައީސާއެކު ރާއްޖޭގެ ރައީސް ފުޓުބޯޅަ މެޗެއް ކުޅެން ޖެހުނީ ކީއްވެބާ؟" ސުވާލު ކުރައްވަމުން ފައްޔާޒު ވިދާޅުވީ، މިފަދަ "ރަމްޒީ މެޗެއް" މި ދަނޑިވަޅުގައި ނުކުޅުނަސް ވެދާނެ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ޝުއޫރުތަކާ ދެކޮޅަށް، އަދި މުޅި އިސްލާމީ އުންމަތަށް ކުރި ޖެއްސުމެއްގެ ގޮތުގައި މެނުވީ ނުދެކެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.