އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ގާނޫނުގެ ދަށުން ނެގި ހިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން މި ވޯޓުގައި ބައިވެރިވި ހުޅުދޫ ރައްޔިތުންނާއި މީދޫގެ ރައްޔިތުންގެ މެޖޯރިޓީ ތާޢީދުކުރީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ކައުންސިލް އުފެއްދުމަށެވެ.
ނަތީޖާތައް ދައްކާގޮތުން، ވޯޓު ލީ ޖުމްލަ މީހުންގެ 67 ޕަސެންޓަށްވުރެ ގިނަ މީހުން ހުޅުދޫ ވަކިވާން ފެންނަކަމަށް ވަނީ ބުނެފައެވެ. މީދޫ ވަކިވާން ފެންނަކަމަށް 82 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުދިނެވެ. އަދި ފޭދޫ ވަކިވާން ބޭނުންނުވާކަަމަށް 70 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓު ދީފައި ވެއެވެ.
މި ވޯޓުގައި ބައިވެރިވި ފޭދޫ ރައްުޔިތުންގެ މެޖޯރިޓީ ތާއީދުކުރީ ސިޓީ ކައުންސިލުން ވަކިނުވާށެވެ. މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ އެވެެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.